ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ބިރުދައްކައިގެން އޭނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފި އެވެ.
"ހުރިހާ"އާ ވާހަކަދެއްކެވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ފަނޑިޔާރު އަލީ ރަޝީދު ޖިންސީ ފުރައްސާރަކުރި މައްސަލައެއް އެބައޮތް ކަމަށެވެ. އަދި އެ މައްސަލަ ބޭނުންކޮށްގެން ސަރުކާރުން ވަނީ އޭނާ ކޮންޓްރޯލްކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އެންމެނަށް އެނގޭނެ މި ބުނަނީ ކޮން މައްސަލައެއްކަން. އަދި ފަނޑިޔާރު އަލީ ރަޝީދު މިހާރު އުޅުއްވާގޮތް ވެސް ރަނގަޅަށް އެނގޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނާގޮތަކަށް ހުކުމްކުރާނަމަ، އެ މައްސަލަ ނުބަލައި މަގާމުގައި ބަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސްވެރިއަކު އަލީ ރަޝީދަށް ދީފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އަލީ ރަޝީދުގެ މައްޗަށް މިވަރުގެ ބޮޑު މައްސަލައެއް ތުހުމަތުކުރެވޭއިރު، އެ މައްސަލަ ބަލާކަށް ޖޭއެސްސީން ނޫޅެ އެވެ. އޭގެ ބަދަލުގައި އެ ކޮމިޝަނުން އުޅެނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ނުހައްގުން ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމަށެވެ.
އަލީ ރަޝީދަކީ ކުރީގެ ރައީސް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ހުކުމް ކުރެއްވި ގާޒީއެވެ. އޭރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގަ އެވެ.
ޕީއެންސީގެ އިސްވެރިން އަޑީގައި ތިބެގެން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވައިގެން ޔާމީން ނުހައްގުން ޖަލަށްލުމަށް މަސައްކަތް ކުރި ކަމަށް ޕީއެންއެފްގެ ބައެއް އިސްވެރިން ތުހުމަތު ކުރެ އެވެ.