ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ނުބަލައި ލަސްކުރި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްގެ ސުލޫކީ މައްސަލަ ބެލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ނުފޫޒުން ހުއްޓުވައިފި އެވެ.
ޖޭއެސްސީގެ މެންބަރަކު "ހުރިހާ"އަށް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅުނު އެ ސުލޫކީ މައްސަލަ ނުބަލަން މައްސަލަ ބަލާ ކޮމިޓީން ނިންމީ އަބްދުއްރަހީމާއި އުޝާމްގެ ނުފޫޒުން ކަމަށެވެ.
ޔާމީންގެ މައްސަލަ އަވަސްކުރަން ތަކުރާރުކޮށް އެމަނިކުފާނުގެ ވަކީލުން އޭރު ހައިކޯޓްގައި އެދުމުން ވެސް އެ ކޯޓުން އެ މައްސަލަ ނުބަލައި ދިގުދެންމި އެވެ. އަދި ރިޔާސީ އިންތިހާބަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށް ޔާމީން މިނިވަންކޮށްފަ އެވެ.
ޔާމީން ޖަލުގައި ހުންނެވިއިރު، ޕީއެންސީގެ ސެނެޓުން ނެގި ވޯޓެއް ނަގައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ނިންމި އެވެ. ސެނެޓްގެ ވޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ހޯދައިދޭން އަބްދުއްރަހީމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ރައީސް ޔާމީން އޭރު ޖަލުން މިނިވަންނުވާނެ ގޮތް ހެދުމަށް އަބްދުއްރަހީމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒުފޯރުވި ކަމަށް ޕީއެންއެފްގެ އިސް ބޭފުޅުން ތުހުމަތު ކުރެ އެވެ.