އިންޑިއާގެ ދެ ސްޓޭޓެއްގައި މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހު އެއް ގަޑިއިރު ކުރިން އޮފީސް ނިމޭގޮތް ހެދުމުން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަންދްރާ ޕްރަދޭޝް އަދި ތެލަންގާނާ ސަރުކާރުތަކުން ނިންމާފައިވާ މި ނިންމުމާއި ދެކޮޅަށް ބަޔަކު ސުޕްރީމް ކޯޓަށް ހުކުރު ދުވަހު މައްސަލަ ވެއްދުމުން މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ވަނީ އިންކާރުކޮށްފަ އެވެ.
މި މައްސަލަ ބެއްލެވީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސަންޖީވް ކަންނާ އަދި ފަނޑިޔާރު ސަންޖޭ ކުމާރު ހިމެނޭ ބެންޗަކުންނެވެ. އެންމެ މަތީ ކޯޓުން މައްސަލަ ހުށަހެޅި ފަރާތަށް އެދިފައިވަނީ އޭނާގެ ޝަކުވާއާ ގުޅިގެން ކަމާބެހޭ ހައި ކޯޓުތަކަށް ހުށަހެޅުމަށެވެ. މައްސަލަ ހުށަހެޅި ވަކީލު ވަނީ މި މައްސަލައިގައި ދެ ސަރުކާރުން ނެރުނު ސަރކިއުލާތަކުގެ މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފަ އެވެ.
އެންމެ މަތީ ކޯޓުން މި މައްސަލަ ބަލައިގަތުމަށް ޝައުޤުވެރިކަމެއް ނެތްކަން ހާމަވުމުން، މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އިންޑިއާގެ ތެލަންގާނާ ސަރުކާރުން ވަނީ ސަރކިއުލާއެއް ނެރެ، ރަމަޟާން މަހު މުސްލިމް މުވައްޒަފުންނަށް އޮފީސްތަކުން އެއް ގަޑިއިރު ކުރިން ނިކުތުމަށް ހުއްދަ ދީފަ އެވެ. ހަމައެފަދައިން، އަންދްރާ ޕްރަދޭޝްގެ ހުރިހާ މުސްލިމް މުވައްޒަފުންނަށް މާރިޗު 2 އިން މާރިޗު 30 އަށް ރަމަޟާން މަހު އޮފީސްތަކުން އެއް ގަޑިއިރު ކުރިން ނިކުތުމަށް ހުއްދަ ދީފައިވެ އެވެ.
ގާތްގަނޑަކަށް 204 މިލިއަން މުސްލިމުންނާއެކު، އިންޑިއާ އަކީ ދުނިޔޭގެ ތިންވަނައަށް އެންމެ މުސްލިމުން ގިނަ ގައުމެވެ. ނަމަވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.