ކޮވިޑަށް އިތުރު 166 މީހުން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން 91 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން 52 މީހަކު އެހެން ރަށްތަކަކުން ޕޮޒިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތަކުން 11 މީހަކާއި ސަފާރީތަކުން 11 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުގެ ތެރެއިން ރަށަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 166 މީހުން ޕޮޒިޓިވްވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 4،283 ސާމްޕަލްގެ ތެރެއިންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 23،403 އަށް އިތުރުވެފަ އެވެ. އަދި މި ބަލިން 20،618 މީހަކު ރަނގަޅުވިއިރު، 66 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ބަލީ މިހާރު ވެސް 2،712 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 98 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި މިއަދު ވެސް 2،434 މީހަކަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ދިން 1،016 މީހަކާއި އަތޮޅުތެރޭގައި ވެކްސިން ދިން 1،418 މީހަކު ހިމެނެ އެވެ.