މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެދު ރާއްޖެތެރެއާއި ދެކުނަށް ރީނދޫ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

އެ ސަރަހައްދަށް ފުރަތަމަ ރީނދޫ އެލާޓް ނެރުނީ މިއަދުގެ 06:30 އިން 09:30 އަށެވެ. ނަމަވެސް މިހާރު ވަނީ 09:30 އިން 13:30 އަށް އެލާޓްގެ ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

އެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ އެވެ. އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވައިޖެހޭ ބާރު މިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަނޑިއަކު ތިން މޭލާއި 10 މޭލުގެ ބާރުމިނުގައި ވައި ޖޭހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަނޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑަކު ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވަނީ ބުނެފަ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ދެކުނުގެ ހިސާބުތަކުގައި ރާޅުގެ އުސްމިނުގައި އެއް ފޫޓާއި ތިން ފޫޓު ހުންނާނެ ކަމަށާއި މެދުރައްޖެ ތެރެއާއި އުތުރުގައި ތިން ފޫޓާއި ހަ ފޫޓު ރާޅުގެ އުސްމިނުގައި ހުންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭތީ ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.