ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ވިޒިޓް މޯލްޑިވްސް" އިން އިނގިރޭސި ވިލާތުގެ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ލިވަޕޫލާއި އެމްއެމްޕީއާރުސީގެ "ގުޅުން" ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށާއި އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން "ވިޒިޓް މޯލްޑިވްސް" އަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބޭނެ އެވެ. މިއީ ކްލަބުގެ މަަޝްހޫރު ކަމުގެ ބޭނުން ހިފައި، އެ ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރުމަށް ބާރު އަޅާނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެެވެ.
އެ އެއްބަސްވުމާ އެކު، މި އަހަރުގެ ތެރޭގައި އިތުރު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ ކަމަށެވެ. އަދި މިއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިން ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުން ވެސް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެ އެވެ.
އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނި ވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ ދެ އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނަޝިޕްގެ ޓާގެޓް ހާސިލްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.