ފަރުޟު ނަމާދު ކުރާ އިރު، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.
ޝަހީމް މިގޮތަށް އިރުޝާދު ދެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝަހީމް ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރަން ވާނެ ކަމަށެވެ. އަދި މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމަށް ވެސް ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.
އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީ އާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށާއި އަދި އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީ ކަމަށް ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް މި ހާލަތްތަކުގައި ވެސް ބަންގި ގޮވާއިރު ތާޅަ ފިއްޔަށް އަޑު ދޭންޖެހޭ ކަމަށާއި އެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ މި ގޮތަށް ދަމު ނަމާދުގައާއި ޖަމާއަތުގައި ނަމާދުކުރާއިރު ރުކޫ އާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާއަތުގައި ތިބޭނެ ކަމަށް ވިސްނުމާއި ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، އާއްމު ހާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާއަތް ގެންދިއުމާއި ނަމާދުގައި ޚުޝޫއަތްތެރިވެ ނަމާދު ކުރުމާއި މި ހުރިހާ ކަމަކީ ވެސް ފިގުހުވެރިވުމުގެ ތެރެއިންވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.