ނިމިދިޔަ ރޯދަ މަހު ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްގެ މައްސަލަތައް އިންތިހާއަށް ގިނަ އަދަދަކަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކޮންމެ މަހަކު އެއް ފަހަރު ފުލުހުން އާއްމުކުރާ ތަފާސްހިސާބާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 757 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނަ ކަމަށް ފާހަގަވެފައި ވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ މަހު ޖުމްލަ 233 ޓްރެފިކް އެކްސިޑެންޓްގެ މައްސަލަ ހުށަހަޅާފައިވެ އެވެ.
ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މިދިޔަ މަހު އެކަނި 199 ވައްކަމުގެ މައްސަލަ ހުށަހެޅިއިރު، ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ އެވެ. އެގޮތުން މަސްތުވާތަކެތީގެ 123 މައްސަލަ ހުށަހެޅި އެވެ.
މީގެ އިތުރުން، އެއްޗެހި ގެއްލުމުގެ 51 މައްސަލަ އާއި، އަނިޔާ ކުރުމުގެ 38 މައްސަލައާއި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ވެސް ހުށަހެޅިފައިވެ އެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލައާއި ގެވެށި އަނިޔާގެ 20 މައްސަލައާއި، ފޭރުމުގެ 18 މައްސަލައާއި ޖިންސީ ގޯނާގެ 14 މައްސަލަ ވެސް މިދިޔަ މަހު ހުށަހެޅިކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ މަދުން ހުށަހެޅިފައި ވަނީ ފޯޖް ކުރުމުގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ މަހު ވެސް 3 މައްސަލައެއް ހުށަހެޅި އެވެ.
ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކޮށްފައިވީ ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.