ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނަށް ވުރެ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ގިނަ ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 65 މީހަކު ޕޮޒިޓިވްވިއިރު، 69 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 10 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 147 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 23،671 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،759 ގައި މިހާރު ހުރިއިރު 20،839 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 651 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ 1،049 މީހުންނެވެ.

މިހާތަނަށް ޖުމްލަ 233،875 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 129،720 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 104،155 މީހުންނެވެ.