ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލެކެވެ. އެއީ ފުވައްމުލަކުން އައްޑޫއާ ހަމައަށެވެ. އެ އިދާރާއިން މި ސަމާލު ނެރެފައި ވަނީ މިއަދު ފަތިހު 5:30 އިން ހެނދުނު 10:30 އަށެވެ. އަދި މީގެ އިތުރުން ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ. ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 9:45 އިން މެންދުރު ފަހު 3.30 އަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ލ. ކައްދޫއަށްށެވެ. އެގޮތުން ލ. ކައްދޫއަށް 159.5 މިލިމިޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. އަދި މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.