އޮންލައިން ވިޔަފާރި ޕްލެޓްފޯމު، ޓީމޫގެ ނަމުގައި ވެސް ސްކޭމްތަކެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓުތައް ހެދުމާއި އޮޅުވާލުމަށް ފިޝިން މެސެޖުތައް ފޮނުވުމާއި މި ލިންކުތައް މެދުވެރިކޮށް ޕޭމަންޓު މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.

ފިޝިން މެސެޖްތަކާއި އީމެއިލްތަކަކީ ޓީމޫ ނުވަތަ ކުރިއާ ހިދުމަތްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެކެވެ.

މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.

ކްރެޑިޓް ކާޑު ސްކޭމްތަކުގައި ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި، ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި ކްރެޑިޓް ކާޑު މައުލޫމާތު ހޯދަ އެވެ.

2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، ސްކޭމަރުންނަށް މި ކާޑުތަކުން ފަސޭހައިން ޖަރީމާ ހިންގެ އެވެ. ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، ސްކޭމަރުންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެ އެވެ.

މި ފަދަ ސްކޭމްތަކަށް ސަމާލުކަންދީ ރައްކާތެރިވުމުގެ ގޮތުން ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކުރެ އެވެ.