ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ހާއްސަ ރަށް، އާރަށުގެ އެއް ދުވަހުގެ ކެއުމަށް 9000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ވާހަކަ ދޮގުކޮށްފި އެވެ.

ސަރުކާރުން މިކަން ދޮގުކުރީ ރައީސުލްޖުމްހޫރިއްޔާގެ ކޭންބެއްލެވުމަށް އާ ރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އިގްބާލް އާދަމް ޕީއެސްއެމް ވިދާޅުވިގޮތުގައި ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރިއްކޮޅަށް ކުރެއްވި ހަރަދުތަކާ އަޅާބަލާއިރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ހަރަދުތައް އެތައް ގުނައެއް ވަނީ ކުޑަވެފަ އެވެ.

އޭނާ ވިދާޅުވީ، ހުރިހާ ހަރަދެއް ވެސް އެންމެ ކުޑަ ވާނެ ގޮތަކަށް ކުރެއްވުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އަދި މުލިއާގޭގެ އުސޫލުތައް ވެސް ދަމަހައްޓަނީ އެފަދައިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކަންކަން ކުރަނީ ވެސް އެމަނިކުފާނު ދެއްވި ލަފާފުޅާ އެއްގޮތްވާގޮތުގެ މަތިން. އެހެންވީމަ ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއް ނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ،" ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބޭ އިގުބާލް ވިދާޅުވި އެވެ. "އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިގްސޯދީ ހާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން."

އިގުބާލް މިހެން ވިދާޅުވިއިރު ރައީސް މުއިއްޒު އާ ރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެ މީހާގެ މައްސަލަ ތަހުގީގު ކުރަން ނިންމާފަ އެވެ.