ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއާ އެކު ކުރިއަށް އޮތީ އެއާޕޯޓުން ދޭ ހިދުމަތްތައް ތަރައްގީވެ، ފުޅާވާނެ އަހަރެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރު ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ އެއާޕޯޓުގެ އަހަރީ ދުވަހަކީ އޭޕްރިލް 12، އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ.

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސީއީއޯ ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ. އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ބޭއްވި ހިނގާލުމުގައި އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފަ އެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.

ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ޚާއްސަ ގާލާ ނައިޓަކާއި، ވަން-ޑޭ ހޭންޑްބޯލް މުބާރާތެއް ވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.