މަޝްހޫރު ސްމާޓް ފޯން ބްރޭންޑް އެޕަލް އައިފޯންގެ އަގުތައް މިހާރު ބާޒާރުގައި ހުރި ވަރަށްވުރެ ތިންގުނަ އިތުރުވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ކުރިއަށް އޮތް ތަނުގައި އައިފޯނުގެ އަގުތައް ބޮޑުވާނެ ކަމަށް މާހިރުން ލަފާ ކޮށްފައި މިވަނީ އެމެރިކާގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުތަކެއް ގެނެސްފައިވަނިކޮށެވެ.
އެ ބަދަލުތަކުގެ ދަށުން އެމެރިކާއަށް އެތެރެ ކުރެވޭ މުދަލުން (ހާއްސަކޮށް ޗައިނާގައި އުފައްދާ) ނަގާ ޓެރިފްގެ ރޭޓް ވަނީ އިތުރު ކުރެވިފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅަކީ އެމެރިކާގައި ކުންފުނިތަކުގެ ފެކްޓަރީތައް ހުޅުވައި އެގައުމުގެ ރައްޔިތުންނަށް ވަޒީފާ ހޯދައިދިނުމުގެ ބޭނުމުގައި އެޅި ފިޔަވަޅެކެވެ.
މި ބަދަލާއެކު އެޕަލް ފަދަ ކުންފުނީގެ ފެކްޓަރީތައް އެމެރިކާގައި ހުޅުވުމުން އެ ގައުމުގައި ބޭނުން ކުރެވޭ ސިސްޓަމްތަކާއި އެ ނޫންވެސް ހަރަދުތަކަށް ބަލާއިރު ފޯނުތަކުގެ އަގު ބޮޑުވުން އެކަށީގެންވެ އެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި އެޕަލް އައިފޯނެއްގެ އަގު 3500 ޑޮލަރަށް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް މާހިރުން ބުނެ އެވެ. މިވަގުތު ބާޒާރުގައި އެޕަލް އައިފޯންގެ އެވްރެޖް އަގު އުޅެނީ 1000 ޑޮލަރާއި 1500 ޑޮލަރާ ދެމެދުގަ އެވެ.
އެޕަލް އައިފޯނަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ސްމާޓް ފޯން ބްރޭންޑަށްވާއިރު އެ ފޯނުގެ އަގުބޮޑުވުމަކީ އެ ބްރޭންޑަށް އޮތް ގޮންޖެހުމެކެވެ.