ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައިގައި ބިދޭސީ މީހާ ވަޒަން އެތެރެކުރީ ކުށެއް ކުރަކަން ހާމަކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޓޫރިސްޓު ވިސާގައި ރާއްޖެ އައި އެ ބިދޭސީ މީހާގެ އަތުން ވަޒަންތަކެއް ފެނުނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އެކަމަކު ރާއްޖެއަށް ހަތިޔާރުގެ ގޮތުގައި ބެލިދާނެ އެއްވެސް އެއްޗެއް އެެތެރެކުރުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަކެތި އެތެރެކުރެވޭނީ ބޯޑާ ސެކިއުރިޓީ ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި ކަސްޓަމްސްގެ އިހުމާލުންނެވެ.
މި މައްސަލައާ ގުޅިގެން އެ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖެހި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ބިދޭސީ މީހާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންދުން ދޫކޮށްލައި، އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ ބަންދުން ދޫކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވެ އެވެ.
މީގެ ކުރިންވެސް މިފަދައިން ފުރަންދިޔަ ބިދޭސީން އަތުން ވަޒަންތަކެއް އަތުލާފައިވެ އެވެ. އެގޮތުން 2021 ވަނަ އަހަރު ވެސް ބިދޭސީއަކު އަތުން ވަޒަންތަކެއް އަތުލައި އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލާފައިވެ އެވެ.