ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން ގަވާއިދުން މޮނިޓާކުރަން ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ލަފާދީފި އެވެ.
ހދ. ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި އިތުރު މީހަކު އަމިއްލައަށް މަރުވުމުން އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފުލުހުންގެ ހުރިހާ މަރުކަޒުތަކުގެ އެތެރޭގައި އަދި ބޭރުގައި ސީސީޓީވީ ކެމެރާ ހަރު ކުރަން އެންގި ނަމަވެސް ބަޖެޓުގެ ދަތިކަން ހުރި ކަމަށް ބުނެ މިހާތަނަށް ހުރިހާ ތަނެއްގައި ކެމެރާ ހަރުކުނުކުރާ ކަމަށެވެ.
"ދައުލަތުގެ ބެލުމުގެ ދަށުން ބަންދު މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތައް ތިބޭ ގޮޅިތައް ގަވާއިދުން، ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓާ ކުރުމަކީ މުހިންމު ކަމެއްކަމަށްވާތީ، މިފަދައިން މޮނިޓާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ވެސް ގުޅުންހުރި އިދާރާތަކަށް ކޮމިޝަނުން ލަފާދީފައިވާނެ ކަމުގައިވެސް ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމް އިން ވަނީ ޖަލުތަކުގައި އަމިއްލައަށް ހަށިގަނޑަށް ގެއްލުންދިނުން އިތުރުވާތީ ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ކުޅުދުއްފުށި ކަސްޓޯޑިއަލްގައި ދެ މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ ވަކި ދެ މައްސަލައެއް ގޮތުގައި އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.