ދިވެހިރާއްޖޭގެ ބިމާއި ފަޅުތަކާއި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރާއެކު، ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދެފުށް ފެންނަ މިންވަރާއި، ގައުމީ މަސްލަހަތަށް ހުރި ނުރައްކާތަކާ މެދު ބޮޑެތި ދުސްތޫރީ އަދި ޖިނާއީ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ސިންގަޕޫރުގައި "ހެންލީ އެންޑް ޕާޓްނާސް" ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މާލީ، ކޮންޓްރެކްޗުއަލް އަދި ގާނޫނީ ޝަރުތުތައް މަޖިލީހަށާއި ރައްޔިތުންނަށް ސިއްރުކޮށްފައި އޮތުމަކީ ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި އިމިގްރޭޝަނާއި، ގައުމީ ސަލާމަތާއި، ޓެކުހާއި، ބިންތަކާ ސީދާ ގުޅިފައިވާ މިފަދަ ބޮޑު ސިޔާދަތީ ނިންމުމެއް މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ނިންމާފައިވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ހެންލީ އެންޑް ޕާޓްނާސްގެ ބައެއް ވެރިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ގަރާރުގައިވާ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން 250,000 ޑޮލަރު ދިވެހި ބޭންކެއްގައި 5 އަހަރަށް ފިކްސްޑް ޑިޕޮސިޓްކޮށްގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު މިހާރު ވަނީ އުވާލާފަ އެވެ.

އޭގެ ބަދަލުގައި ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވެ އެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން "ސަސްޓެއިނަބަލް ރެޒިޑެންޝަލް ވިލާ" ތަކުގެ މުއާމަލާތްތަކުން ނަގާ ޓްރާންސްފާ ޓެކްސް 1 ޕަސެންޓަށް ކުޑަކޮށް، އިންކަމް ޓެކްސް އިސްތިސްނާކޮށްފައި ވުމުން، 250,000 އެމެރިކާ ޑޮލަރުގެ ޕްރޮޕަޓީއަކުން ދައުލަތަށް ޖުމްލަ ލިބެނީ އެންމެ 2,500 ޑޮލަރު ކަމަށް ވާތީ މިއީ ހަޒާނާއަށް ލިބޭ ބޮޑު ގެއްލުމެއްކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން، އެސްއީޒެޑް ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން އެހެން ގާނޫނުތަކުގެ މައްޗަށް އެ ގާނޫނު އިސްވުމުގެ ސަބަބުން، ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދުމުގެ ދުސްތޫރީ ބިރު އޮތްކަމަށާއި، މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި "ކަނޑު ވިއްކާލި" ކަމަށް ބުނެ ގައުމީ ސިޔާދަތުގެ ވައުދުގެ މައްޗަށް ބިނާކޮށް ވެރިކަމަށް އައި ސަރުކާރަކުން ރައްޔިތުންގެ ވޯޓާ ސީދާ ފުށުއަރާ ގޮތަށް ހިންގާ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕްރޮގްރާމް ހިންގާ "ހެންލީ އެންޑް ޕާޓްނާސް" އަކީ ޔޫރަޕިއަން ޔޫނިއަންގެ ކޯޓް އޮފް ޖަސްޓިސްއިން 2025 ވަނަ އަހަރު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައިވާ މޯލްޓާގެ "ސިޓިޒަންޝިޕް-ބައި-އިންވެސްޓްމަންޓް" ޕްރޮގްރާމް ހިންގި ކުންފުންޏެވެ. އަދި އެފްއޭޓީއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅެއް ނެތް މިފަދަ މަޝްރޫއުތަކުގެ ސަބަބުން މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އިންވެސްޓްމެންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމްގެ ހުރިހާ ހުއްދަތަކެއް ދިނުން ވަގުތުން ހުއްޓާލުމަށާއި، ކުރިއަށް އޮތް 14 ދުވަސް ތެރޭ އެއްބަސްވުންތައް މަޖިލީހަށް ހުށަހެޅުމަށް ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.