ކުށް ކުރާ މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ނުކުރަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
ކ. މާފުށީގައި ވައްކަން ކުރި ކަމަށް ތުހުމަތުކުރުވޭ މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މީހަކު ކުށެއްކުރިކަން އެނގިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ މައްސަލަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރި އެވެ.
"އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
މީގެއިތުރުން އެފަދަ މައްސަލަތައް ހުށަހެޅުމުން ކަމާ ގުޅޭ އިދާރާތަކުން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލި އެވެ.
މާފުށީގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.