ސޯޝަލްމީޑިއާގައި "ހަސަން ކުރުސީ" ގެ ނަމުގައި އެކައުންޓް ހިންގަމުންދާ މީހަކީ ކާކުކަން ރަޝިޔާއަށް އެނގޭ ކަމަށް ބުނެފި އެވެ.

ރަޝިޔާއިން ބުނެފައި ވަނީ އެކްސްގައި ހިންގާ "ހަސަން ކުރުސީ" އެކައުންޓު ހިންގާ ފަރާތް އެނގޭ ކަމަށެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ލިވަން ޖަރުކަ އެވެ.

ސަފީރު ޖަރުކަ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުރުސީ އެކައުންޓު ހިންގާ ފަރާތަކީ ކާކުކަން ރަޝިޔާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި އެކައުންޓު ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއް ކަމަށެވެ.

ރަޝިޔާއިން މި މައުލޫމާތު ހާމަކޮށްފައި ވަނީ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމަށް ބުނެ ކުރުސީ އެކައުންޓުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ރަޝިޔާއިން މި ތުހުމަތުތައް ދޮގުކޮށްފައިވާއިރު، އެ ގައުމުން ވަނީ މިއީ އެމެރިކާއާއި ރާއްޖެއާ އެކު އޮތް ގުޅުމަށް ބުރޫއަރުވަން ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.

ކުރުސީ އެކައުންޓު ހިންގާ ފަރާތް ހޯދުމަށް ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ކުރިން އަމުރެއް ނެރެފައިވީ ނަމަވެސް، މިހާތަނަށް އެ އެކައުންޓު ހިންގާ ފަރާތެއް ހޯދިފައެއް ނުވެ އެވެ.