ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އެއިފިލް ޓަވަރަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ބިނާއެކެވެ. އެއީ އެ ގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ތަނެވެ.
ޖުމްލަ 980 ފޫޓު ދިގު އެއިފިލް ޓަވަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ލިސްޓުގައި ހިމެނޭ އެއް ބިނާ އެވެ. އެއީ ގިނަ އަޖާއިބުތަކެއް ވެސް އެކުލެވޭ ބިނާ އެކެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ އެއް ކަމަކީ ހޫނު މޫސުމުގައި އެ ޓަވަރުގެ ދިގު މިން ގާތްގަނޑަކަށް 15 ސެންޓިމީޓަރު ދިގުވާކަމެވެ. އިންސާނީ އެއްވެސް ބާރަކާ ނުލަ އެވެ.
ސައިންސްގެ ހޯދުންތަކުން ބުނާ ގޮތުގައި އެއިފިލް ޓަވަރަކީ ދަގަނޑުން ހަދާފައިވާ ބިނާއަކަށްވާއިރު، އެ ދަގަނޑު ހޫނުވުމުން އިތުރަށް ދިގުވާން މެދުވެރިވެ އެވެ. މި ކަމަށް ކިޔަނީ "ތާމަލް އެކްސްޕޭންޝަން" އެވެ.
ހޫނުގެ ސަބަބުން ޓަވަރު ދިގުވުމަށްފަހު އެ މޫސުން ފާއިތުވެ ޖައްވުގެ ފިނިހޫނުމިން ދަށްވުމުން ޓަވަރުގެ ދިގު މިން އަނެއްކާ ވެސް އޭގެ އަސްލު ދިގުމިނަށް ބަދަލުވެ އެވެ.
މިއީ ދަގަނޑުން ހަދާފައިވާ ކޮންމެ އެއްޗަކަށް ވާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އޭގެ ތެރޭގައި ހޮޅިދަނޑިއާއި ރޭލު ދަގަނޑުތައް ވެސް ހިމެނެ އެވެ.