ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކުރެވުނު ވާޗުއަލް އޮޓޮޕްސީގެ ނަތީޖާ ބަލައިނުގަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

ޒަކިއްޔާ މަރުވެފައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ކައިރީގައި ހުރި ގުދަނަކުންނެވެ. މި މައްސަލައިގައި ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވެ އެވެ. އޮޓޮޕްސީގެ ނަތީޖާއިން ދައްކާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން، ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުންނެވެ.

ނަމަވެސް، އާއިލާއިން މި ނަތީޖާ ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ޒަކިއްޔާގެ އާއިލާއިން ތުހުމަތުކުރަނީ އޭނާ މަރާލެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރަށުގައި އިންސާފަށް ގޮވާލައި މީގެ ކުރިން މުޒާހަރާތައް ވެސް ކުރެވިފައިވެ އެވެ.

ޒަކިއްޔާގެ ހަށިގަނޑު ނަގައި އަލުން އޮޓޮޕްސީއެއް ހެދުމާ ބެހޭގޮތުން މަޝްވަރާކުރެވޭކަމަށްވެސް މައުލޫމާތު ލިބެ އެވެ. އެގޮތުން އެކަމަށް އެދި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް މައުލޫމާތުލިބެ އެވެ.

މި މައްސަލައާ ގުޅޭގޮތުން ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒިއްޔާ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ހޯދުމަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް އޭގެ ޖަވާބު އަދިވެސް ލިބިފައިނުވެ އެވެ.