ޅ. ނަިއފަރާއި ކ. ހުރާގައި ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުކުތުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނުނީ ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވްވެގެންނެވެ. އަދި ހުރާ އިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހާލުދެރަވަގެން އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން ދުވަސްވީ މީހެކެވެ.

އެ ދެ ރަށުގައި ހަތް ދުވަހުގެ މުއްދަތަށް ގިނަ ފިޔަވަޅުތަކެއް އެޗްޕީއޭ އިން ވަނީ އަޅާފަ އެވެ.

ނައިފަރާއި ހުރާގައި އެޅި ފިޔަވަޅުތައް

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީ ހިދުމަތް ނުހިމެނެ އެވެ.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ކުޅިވަރު ގެހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ބޭއްވުން ހުއްޓާލުން

ހުރާއިން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ނައިފަރުން 100 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ދެ ރަށުން ނެގި ގިނަ އަދަދެއްގެ އިތުރު ސާމްޕަލްތަކެއްގެ ނަތީޖާ އަދިވެސް ނުލިބި އެބަވެ އެވެ.