އިސްކަންދަރު ސްކޫލުގެ ދަރިވަރުން ތަކެއްގެ ބޯކޮށުވި މައްސަލަ ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ބަލަން ފަށައިފި އެވެ.
އޭޕްރިލް 12 ވީ ހޮނިހިރު ދުވަހުގެ ރޭ، އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގާ ސްކޫލްގެ މެނޭޖުމެންޓުން އެ ކުދިންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައާ ގުޅިގެން ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ދައުރުވަމުންދާ ހަބަރުތަކާ ގުޅޭ ގޮތުން އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލަ އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ތަގުގީގު ކުރަމުންދާ ކަމަށެވެ.
މިއާއެކު އެ އޮފީހުން ބުނީ ދަރިވަރުންނާ ގުޅޭ ކަންކަން ހައްލުކުރުމުގައި ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ އަދި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސްކޫލްގެ ޓީޗަރުންނާއި މެނޭޖްމަންޓުގެ މައްޗަށް ގާނޫނުތަކުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރަނިވި އަދި އެ ދަރިވަރުންގެ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނާނެ ފަދައިން އެރޭ ސްކޫލުގައި ކުރިއަށް ދިޔަ ގްރެޖުއޭޝަން ގައި ބައިވެރިވުމަށް ދިޔަ ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް އެންގުމަކާއި ނުލައި އެ ސްކޫލުގެ ޓީޗަރުންތަކެއް ދަރިވަރުން ސެލޫނަކަށް ގެންގޮސްގެންނާއި ސްކޫލު ތެރޭގައި މަޖުބޫރު ކުރުވައިގެން ހިންގި މި އަމަލު ބަލައިނުގަންނަ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ވަނީ ބުނެފަ އެވެ.