ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ފުލުހުން ހައްޔަރު ކުރީ ސާބިތު ހެކި ފެނިގެންކަން ކަށަވަރުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު އިހުސާނަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޝަމްއާން އާ މިނިސްޓަރު އިހުސާނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ސުވާލު އަމާޒުކުރައްވާފަ އެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެ ބޭފުޅުން ވެސް މަސައްކަތް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ސިޔާސަތުތައް ތަންފީޒުކުރުމުގަ އަޅުގަނޑުމެން ދެމީހުން މަސައްކަތް ކުރީ އެއްކޮށް، ވަރަށް ރަނގަޅަށް،" އިހުސާން ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ ކަމަށާއި އެއީ އެކަން އޮންނާނެ ގޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވަނީ މި ސަރުކާރުން ޝަމްއާން ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ގާނޫނުގެ ތެރެއިން އެ މީހަކަށް ލިބެން ޖެހޭ ހުރިހާ ހައްގެއް އޭނާއަށް ވެސް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއާއެކު ގާނޫނުގެ ތެރެއިން އެންމެން ހަމަހަމައިރު ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބެލުމުގައި ތަފާތުކުރުންތައް ގެންގުޅެނީ ކީއްވެތޯ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ މިނިސްޓަރު އިހުސާނާއި ސުވާލުކުރައްވާފަ އެވެ.

މިގޮތުން އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު މިނިވަންވެފައި، ޝަމްއާން ވާނުވާއަށް ދާން ޖެހޭ ސަބަބު ނުވިސްނޭ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

ފިއްޓޭގެ މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "އާފަލާއި އޮރެންޖު އަޅާ ނުކިޔޭނެހެން" މި ދެ މައްސަލައަކީ ތަފާތު ދެމައްސަލަ އަކަށް ވާތީ ދެ މައްސަލަ އަޅާ ނުކިޔޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ މި މައްސަލައިގައި އެއްވެސް މީހަކު ފްރޭމްކޮށްފައިނުވާކަން ކަށަވަރު ކަމަށާއި ޝައްމާން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން ކަށަވަރުވާ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިހުސާން ވިދާޅުވީ އިތުރު ތަފްސީލްތައް ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން އާންމު ކުރާނެ ކަމަށާއި އެ މައުލޫމާތު މާދަމާގެ ވަގުތެއްގައި ފުލުހުން ހާމަކުރާނެ ކަމަށެވެ.