މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ތަހުގީގު ކުރަނީ އާންމު އުސޫލުން ބޭރުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް އުމުރުން 21 އަހަރުގެ ނުވާން އަންހެން މީހާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ އެހީގަ އެވެ.

އެ އަންހެން މީހާ ކޮއްޕައި ވައްޓާލީ ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ފުލުހުން ވަނީ ސީސީޓީވީ ފްޓޭޖްގެ އަލީގައި އެއީ ދޮގެއްކަން ނޫސްވެރިންނަށް ކަށަވަރުކޮށްދީފަ އެވެ.

އެ ތަހުގީގާ ގުޅޭގޮތުން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ތަހުގީގު ކުރިއަށް ގެންދާ ގޮތުން މި ހާދިސާގައި އިންސާފު ލިބެން ހުރަސްތަކެއް ހުރި ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ތަންފީީޒު ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބަކަށްވާއިރު، މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނުނު ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު މީގެ ކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާ ހިލާފަށް ފުލުހުން އަމަލުކުރަމުންދާކަން ބައެއް މީޑިއާއަކަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ފާހަގަކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެގައި ވަނީ ތަހުގީގުގައި އާންމު އުސޫލުން ބޭރުން، ހާއްސަ ގޮތަކަށް ފުލުހުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާއިިރު، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް މިނިވަން ތަހުގީގެއް ހިންގަން ގޮވާލާ ކަމަށެވެ.

އެ ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހްމާލެއް ވެފައިވާނަމަ، އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.