ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަނު ހުންނާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒު ވެއްޖެ އެވެ.

މި މައްސަލާގައި އެޗްއާރުސީއެމްގެ އިތުރުން ޖެންޑާ މިނިސްޓްރީ އަދި ސަރުކާރުގެ ކަމާ ބެހޭ އެހެން އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު މި މައްސަލާގައި އެއްވެސް އިދާރާ އަކުން އެއްޗެއް ނުބުނަނީ މައްސަލާގައި ސިޔާސީ ގޮތުން ބާރުގަދަ މީހުންގެ ދަރިން ޝާމިލުވާތީ ކަމަށް ބުނެ އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އެޗްއާރުސީއެމުން ހަނު ހުންނާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ސޯޝަލް މީޑިއާގެ އިތުރުން އަންހެން ކުއްޖާގެ މައްސަލާގައި އިދާރާތަކުން އަމަލު ކުރަމުންދާ ގޮތާއި ގުޅިގެން ގިނަ އަދަދެއް ޒުވާނުން ވަނީ ރޭ މަގުމައްޗަށް ނުކުމެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކައިރީ އަޑު އުފުލައި، "ނެޕޯ ބޭބީސް" އަށް ވާތީ މި މައްސަލަ ބެލުމުގައި ވަކި ތަފާތުކުރުމެއް ގެންގުޅެން ނުވާނެ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އެޗްއާރުސީއެމުން ހަނު ހުންނާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އެޗްއާރުސީއެމުން މުޅި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެއްގައި ހަނުތިބޭތީ މި މުޒާހަރާގައި އެޗްއާރުސީއެމްގެ ވެރިން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން "ހުރިހާ" އިން އެޗްއާރުސީއެމްއާ ސުވާލުކުރުމުން ބުނީ މި މައްސަލާގެ އަޕްޑޭޓެއް މިއަދު ހިއްސާކުރާނެ ކަމަށެވެ. އޭގެ އިތުރުން އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.