މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އުމުރުން 21 އަހަރުގެ އަންހެނަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައިވާ މައްސަލައާ ގުޅިގެން ހަނު ތިބުމަށްފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަޔާނެއް ނެރެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ އެ މައްސަލައާ ގުޅިގެން އިދާރާތަކުން އަމަލުކުރާ ގޮތް ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާ ތަހްގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ މި މައްސަލަ އެ ކޮމިޝަނުން ތަހްގީގުކުރުމުގައި މިކަންކަމަށް ރިއާޔަތްކުރާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަންކަން ކޮމިޝަންގެ ސަމާލުކަމަށް އައުމާ ހިސާބުން އެ ކޮމިޝަނުން ކުރި މަސައްކަތުން އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވަނީ ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހްގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށް ކަމަށެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިޔަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވާތީ ވެސް އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.