ރޯމަނުންގެ ވެރިކަމަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ ވެރިކަމުގެ ގޮތުގައި ބެލެވިފައި އޮތް ވެރިކަމެވެ. އެތައް ގަރުނަކަށް ދެމިގެންދިޔަ އެ ވެރިކަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުނެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެންމެ "ވަރުގަދަ" ވެރިކަމުގެ ގޮތުގައި ބެލެވިފައި ރޯމަނުންގެ ބާރު އަހަރުމެން ހީކުރާހާ ވެސް ގަދައެއް ނޫނެވެ. އެހެނެއް ކަމަކު އެ ވެރިކަމުގައި އެތައް ގިނަ "ބަލިފައި"ތަކެއް ހުރިކަން މިހާރު ވަނީ ސާބިތުވެފަ އެވެ.

އަސްކަރީ ގޮންޖެހުންތައް

ރޯމަނުންގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އެވަގުތު އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާގެ ގޮތުގައި ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް ތާރީހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ރޯމަނުންނަށް އަސްކަރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މިހާރުގެ ސޫދާނުގައި ރޯމަނުންނާއި ކުޝްގެ ރަސްކަމާ ދެމެދު ހިނގި ހަނގުރާމަ އެވެ. އެ ހަނގުރާމައިގައި ރޯމަނުންނަށް ކާމިޔާބު ލިބުނު ކަމަށް ލިޔެވިފައި އޮތް ނަމަވެސް ފަހުގެ ހޯދުންތަކުން އެއީ ދޮގެއްކަން ވަނީ ހާމަވެފަ އެވެ.

ސިޔާސީ ޚިލާފުވުންތައް

ވަރުގަދަ ރޯމަނުންގެ ވެރިކަމުގައި ވެސް ސިޔާސީ ޚިލާފުވުންތައް ވަރަށް ގިނަކަން ދިރާސާވެރިން ފާހަގަ ކުރައްވަ އެވެ. އެގޮތުން އެ ވެރިކަމުގައި ދާޚިލީ ގިނަ ހަނގުރާމަތަކާއި ވެރިކަމާ ތޮޅުން ފަދަ ސިޔާސީ ހަރަކާތްތައް ހިނގާފައިވާކަން ތާރީހުން ވަނީ ސާބިތުވެފަ އެވެ.

ބޭރުގެ ނުފޫޒާއި އަޅުވެތި ކުރުންތައް

ރޯމަނުންގެ ވެރިކަމުގެ ދުވަސްވަރު އެ ވެރިކަމުން ހިފާފައިވާ އެކި ސަރަހައްދުތައް ފަތަހަ ކުރަން އޭރުގެ ހަނގުރާމަވެރި ގްރޫޕުތަކުން މަސައްކަތް ކުރި އެވެ. އެގޮތުން ރޯމަނުންގެ ބައެއް ސަރަހައްދުތައް ފަތަހަކޮށް އެ ސަރަހައްދުތަކުން ރޯމަނުން ބޭރު ކުރެވިފައިވާ ކަމަށް ވެސް ތާރީހީ ލިޔުންތަކުން އެނގެ އެވެ.

އިގްތިސާދީ ގޮންޖެހުންތައް

ތާރީހުން އެނގޭ ގޮތުގައި ރޯމަނުންގެ ބާރު ނެތިދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ އެ ވެރިކަމަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކެވެ. އެގޮތުން މުދަލުގެ އަގުބޮޑުވުމާއި ވިޔަފާރި ކުރުމުގައި ކުރިމަތިވި އުނދަގޫތަކުގެ ސަބަބުން ރޯމަނުންގެ ބާރު ކޮންމެވެސް ވަރަކަށް ފަނޑުވި އެވެ.

ވިރާސީ ގަވާއިދުތައް

ރޯމަނުންގެ ވެރިކަމުގައި ވެރިކަމުގެ ތަހުތު އެއް ޖީލުން އަނެއް ޖީލަށް ގެންދާނެ ސާފު ވިރާސީ ހަމައެއް ނެތުމަކީ ވެސް އެވ ވެރިކަމުގެ އެންމެ ބޮޑު އެއް ބަލިފައި ކަމުގައި ސައިންސްވެރިން ހާމަކުރެ އެވެ. އެގޮތުން އެ ވެރިކަމުގައި ހިނގި ގިނަ ދާޚިލީ ހަމަނުޖެހުންތަކުގެ އަސްލަކަށް ވީ ވެސް ހަމަ މި ކަމެވެ.

މި ހުރިހާ ކަމަކުން ވެސް އެނގޭ ކަމަކީ ދުނިޔޭގައި ކިތަންމެ ބާރެއް ލިބިފައި އޮތް ނަމަވެސް ކޮންމެ ވެރިކަމެއްގައި ވެސް އެ ވެރިކަމެއްގެ އަމިއްލަ ގޮންޖެހުންތަކާއި އުނދަގޫތައް ހުންނާނެ ކަމެވެ. ދުނިޔެއަށް އެކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސްމެ އެވެ.