މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ އާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ކަންކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހި ރޭގައި ވެސް ޒުވާނުން ވަނީ މުޒާހަރާކޮށްފަ އެވެ.

ރޭގެ މުޒާހަރާގައި ޒުވާނުންގެ ފަރާތުން 10 ކަމެއް ސަރުކާރަށް ޑިމާންޑްކޮށްފައިވާއިރު މިކަންކަމަށް ނެގޯޝިއޭޓް ނުކުރެވޭނެ ކަމަށް ވެސް ޒުވާނުން ވަނީ ބުނެފަ އެވެ.

ޒުވާނުން ޑިމާންޑް ކުރާ 10 ކަމަކީ:

1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން

2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން

3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން

4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން

5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން

6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން

7. ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން

8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން

9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

10. ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތުމަށް

މި ހާދިސާ އާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ޒުވާނުން މުޒާހަރާ ކުރަމުން އަންނައިރު ޒުވާނުން އަންނަނީ އިންސާފުވެރި ތަހުގީގެއް ހިންގުމަށާއި މިކަމުގައި ހިމެނޭ އެންމެން ހައްޔަރުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

މިމައްސަލާގައި އެރޭ އެ އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު، އެ މައްސަލާގައި ތުހުމަތުކުރެވޭ 7 މީހެއް ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

މިމީހުންގެ ޕާސްޕޯަތް ހިފެހެއްޓި ނަމަވެސް ރައުދު ފިޔަވާ އިތުރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.