ޒުވާނުންގެ ޑިމާންޑުތަކަކީ އެކަށީގެންވާ އަދި ޖާއިޒު ކަންކަން ކަމަށާއި، ސަރުކާރުން އެކަންކަމަށް އަޑުއަހައި އަމަލުކުރަން ޖެހޭ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު މިހެން ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު ހެންވޭރުގައި ހިނގި ހާދިސާއަކާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާއާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ، "ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދެއްވައި، އެ ބޯޑު އުވާލުމުގެ މަސައްކަތް މެންބަރުން ކުރާކަމީ އުސޫލުގައި ހިފަހައްޓަވާ އެ ބޯޑުގެ މެންބަރުން ދައްކަވަމުން ގެންދަވާ ރީތި ނަމޫނާއެއް" ކަމަށެވެ. އޭނާ ވިދާޅުވީ، އުސޫލު ގަބޫލު ކުރައްވާ ބޭފުޅުން މުއިއްޒުގެ އޮޑިން ފުންމާލަންވީ ވަގުތަކީ މިއީ ކަމަށެވެ. އަދި މަޖިލިސް މެންބަރުން ވެސް އެކަމަށް ތަބާވުމަށް އޭނާ ލަފާދެއްވި އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރުގައި ހުރި އުސް އިމާރާތަކުން، ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން މަގުމައްޗަށް ނުކުމެ، ކުރަން ފެށި މުޒާހަރާ ރެޔަކަށް ވުރެ ރެއެއް ވަރުގަދަވަމުން ދާއިރު، ރޭ އެ ޒުވާނުން ވަނީ ނުވަ ކަމެއް ކުރުމަށް ގޮވާލައިފަ އެވެ.

މި ޑިމާންޑުތަކުގެ ތެރޭގައި ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމާއި، ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާއި، ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދީ ތަހުގީގާމެދު އިންކުއަރީއެއް ހެދުމަށާއި، ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް، ޓްރާންސްޕޯޓު މިނިސްޓަރު އަދި ހޯމް މިނިސްޓަރު އިސްތިއުފާ ދިނުމަށްވެސް ވަނީ ގޮވާލައިފަ އެވެ.