ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށްވަދެ އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
މި މައްސަލަ އާއި ގުޅިގެން އެ އެޖެންސީއަށް އެއްކުރެވުނު މައުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ އެޖެންސީއަށް ހިއްސާކޮށްފައިވާ ހާދިސާ ރިޕޯޓަށް ބަލައި އީޕީއޭ އިން ވަނީ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.
މިގޮތުން އީޕީއޭ އިން ބުނީ ނެލިވަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމާއި، އަދި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ފިޔަވަޅު އެޅިގެން ދާނެކަން ބަޔާންކޮށް ކުރި އިއުލާނުގެ ގެ ކޮޕީއެއް އެއްކަރުދާސް ކުރެވި ސޮނެވާފުއްޓަށް 11 ޖޫން 2024 ގައި ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭގަނޑު 6 ގެ ފަހުން ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 މީހުން ނެލިވަރު ސަރަައްދަށް ވަދެފައިވާކަން ފާހަގަކޮށް އީޕީއޭ އިން ބުނީ އެ ސަރަހައްދަށް ވަދެފައިވަނީ ގަވާއިދާ ހިލާފަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން އަމަލުކޮށްފައިވުމާއި އަދި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަމަށް އީޕީއޭއިން ބުނެއެވެ.
މިކަމާ ގުޅިގެން ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުންނެލިވަރަށް ހާޒިރުވެ، އެ ސަރަހައްދު ދޫކޮށްދިޔުމަށް އެންގި އެންގުމާއި ހިލާފުވެ، އަދި އެފަރާތްތަކަށް އެއްބާރުލުން ދީފައިނުވާ ކަމަށާއި އެމީހުން ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމައި އެ ސަރަހައްދު ސާފުކުރުމަށްފަހު ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
މިކަމަށް އެ މީހުން ފަހުން އިއުތިރާފުވެފައިވާއިރު މިކަމާއި ގުޅިގެން 448,375 ރުފިޔާއިން އެމީހުން ޖޫރިމަނާކޮށް މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފަ އެވެ.