މައްކާ ރޫޓް އިނީޝިއޭޓިވް ގައި ރާއްޖެ ހިމަނައިދޭން އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވް ހިމެނުމުން ރާއްޖޭގެ ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ހޮޓަލަށް ދެވޭނެ ކަމަށާއި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެން ކަމަށެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް ގައި ހިމެނުނީމަ ވާގޮތަކީ ރާއްޖޭގެ ޙައްޖުވެރިން ޖިއްދާ އެއާޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެ. ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ. ހައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިހާތަނަށް މިފުރުސަތު ލިބިފައިވަނީ ޖުމުލަ 7 ގައުމަކަށް ކަމަށާއި މިއަހަރު މި ފުރުސަތު ރާއްޖެ އަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އެކަމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ސައުދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން 2017 ވަނަ އަހަރު ފެށި މި ހިދުމަތަކީ އަޅުކަމަށް ސައުދީ އަރަބިއާ އަށް އެތެރެވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެކެވެ.