މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ގެ ކަމަށްވާ މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން ދިޔުމުން ހަލާކުވެއްޖެ ކަމަށް ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެގެއަށް ސީސީޓީވީ ފްޓޭޖް ހޯދަން ދިޔުމުން ކެމެރާތައް ހުރީ ހަލާކުވެފައި ކަމަށް ބުނެފައިވާ ކަމަށެވެ.

"އަދި އެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްކޮށް، ސީސީޓީވީ ފުޓޭޖު ނެތްކަން ފުލުހުން ވާނީ ކަށަވަރު ކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގިރޭ މިނިސްޓަރު އަމީން ހުންނެވީ ރާއްޖެއިންބޭރުގަ އެވެ. އެ ހާދިސާއާ އަމީނަކާ ގުޅުމެއް ނެތެވެ. އެ ހާދިސާ ހިނގުމުގެ ކުރިން އެރޭ ހައްވާ ޔުމްނު ރަޝީދު އާއި ރައުދު އަހްމަދު ޒިލާލް ހިމެނޭ ހެން ގިނަ ބަޔަކު ބައިވެރިވި ޕާޓީއެއް އަމީންގެ ގޭގެ ޓެރަހުގައި ބާއްވާފައިވެ އެވެ. އެތަނުގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ ޒުވާނަކު ވެސް އުޅުނެވެ.

ސީސީޓީވީ ފުޓޭޖް ހޯދަނީ އެ ޕާޓީގެ ތެރޭގައި ކަންތައްތައް ހިނގިގޮތް ބެލުމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ގަޑީގައި އޭރުގެ ކޮމިޝަނަރު އަލީ ޝުޖާއުއަށް މިނިސްޓަރު އަމީން ގުޅުއްވިކަން ހާމަވި އެވެ. އެކަމާ ގުޅިގެން އަމީން ވިދާޅުވީ އޭނާ ކޮމިޝަނަރަށް ގުޅުއްވީ ކޯޓް އަމުރެއް ނެތި އެގެއަށް ވަދެވޭނެކަން އެންގުމުގެ ގޮތުން ކަމަށެވެ.