ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 300 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 94 މީހަކު ޕޮޒިޓިވްވިއިރު، 96 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 15 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 79 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 300 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 24،379 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،022 ގައި މިހާރު ހުރިއިރު 21،282 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހީ 2،034 މީހުންނެވެ. އޭގެ ތެރެއިން 615 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ 1،419 މީހުންނެވެ.

މިއަދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.