އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރުމަށްޓަކައި ކެބިނެޓް މިނިސްޓަރުކަމުގެ މަގާމު ދޫކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އަލީ ޝަހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ވަކިވެ އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން އުޅުއްވާނަމަ، އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ މެންބަރަކު މަގާމެއްގައި ހުންނަން ދުސްތޫރު މަނާނުކުރާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސްކަމަށް އެޕާޓީގެ މެމްބަރުން މިނިސްޓަރު އިންތިޚާބު ކުރައްވައިފިނަމަ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީއާއެކު ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވަނީ އަދާލަތު ޕާޓީގެ ކޮންޓްރޯލް ހޯދުމަށް އެ ޕާޓީއަށް ސޮއިކޮށް ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ސީނިއާ މުއައްސިސެއްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެ ޕާޓީއަށް ޚިދުމަތްކުރެއްވި ކަމަށާއި، މިހާރު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ކަމަށެވެ
މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އާ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟
