ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ ކަމަސް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އައިސީޖޭގެ އިޝްތިރާޖީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރާއްޖޭން މިއަދު ވަނީ ވަކާލާތުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އުޝާމް ވިދާޅުވީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ މުހިއްމު ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އދ.ގެ އެހީ ޖަމިއްޔާ 'އަންރުވާ' ރޫޅާލުމަށްޓަކައި އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ބަންޑާރަނައިބު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ މައްސަލާގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ވަނީ މިއަދުގެ އަޑުއެހުމުގައި ބަޔާނެއް ހުށަހަޅުއްވާފަ އެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ގައުމީ ސަލާމަތް ސަބަބެއް ކަމުގައި ދައްކަނީ، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލު ރެކުމަށްޓަކައި ކަމަށެވެ. އަދި މި މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.