ގުދުރަތުގެ ކުލަ ފޮއްޓާއި އެ ކުލަފޮށިން ކުރަހައިދޭ ކުރެހުންތަކަކީ އިންސާނުންގެ ސިކުނޑިއަށް ހައިރާންކަން ގެނުވާފަދަ ރީތި ކުރެހުންތަކެކެވެ. އެއިން ކޮންމެ ކުރެހުމަކުން ނުވަތަ މަންޒަރަކުން ގުދުރަތުގެ ފުރިހަމަކަން ހާމަކޮށްދެ އެވެ.
މިފަހަރު ވެސް މިއޮތީ އެފަދަ ތަނެއްގެ ވާހަކަ އެވެ. ގޮނޑުދޮށްތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ހަަމަ އެންމެ ރަނގަޅު އެއް ތަނެވެ. އެއީ ޖަޕާނުގެ ގޮނޑުދޮށެއް ކަމަށްވާ ހޮކައިޑޯ ބީޗް އެވެ.
ދުނިޔޭގެ ސަމާލުކަމަށް ހޮކައިޑޯ ބީޗް އެންމެ ފުރަތަމަ އައިސްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއަކުންނެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފޮޓޯ ވައިރަލްވެ، އެއީ ޖަޕާނުގެ އެންމެ މަގުބޫލު ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނަކަށް ވާކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ.
ދެން އުފެދޭނެ ސުވާލަކީ އެ ގޮނޑުދޮށް އެހާ މަގުބޫލުވާންވީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. ދުނިޔޭގައިވާ އެހެން ގޮނޑުދޮށްތަކާ އެ ގޮނޑުދޮށް ތަފާތުވަނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.
މި ސުވާލުގެ ޖަވާބުގައި ބުނެވެން އޮތީ މި ގޮނޑުދޮށަކީ ގުދުރަތުގައި ލައްވާފައިވާ ތިން ކަމެއް އެއްތަނަކުން އެ ގޮނޑުދޮށުގައި ފެންނަން ހުރުމެވެ.
މޫދު ލޮނުފެނާއި ވެލި އަދި ގަނޑުފެނަކީ އެއްތަނަކުން ފެނުން ނާދިރު މުޅިން ތަފާތު ތިން ކަމެކެވެ. އެއީ މުޅިން ތަފާތު ވެށިތަކުގައި އެކުލެވޭ ކަންކަމެވެ.
އެހެން ނަމަވެސް ޖަޕާނުގެ ހޮކައިޑޯ ބީޗަކީ މި ތިން މަންޒަރު ވެސް އެއް ތަނަކުން ފެނިގެންދާނެ ތަނެކެވެ. އެއްކޮޅުން ގަނޑުފެން ނުވަތަ ސްނޯ ފެންނައިރު، އަނެއް ފަރާތުގައި ވަނީ މޫދުގެ ލޮނެވެ. އެ ދެ ތަނުގެ މެދުގައި ވަނީ ވެލީގެ މަގެކެވެ.
ޖަޕާނުގެ ހުޅަނގު އައްސޭރިގައިވާ މި ގޮނޑުދޮށް އެ ގައުމުގެ ތިން އަވަށަކަށް ފެތުރިފައިވާއިރު އެ ސަރަހައްދުން ތަފާތު ދިރުންތައް ވެސް އެކި މޫސުމުގައި ފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން މި ގޮނޑުދޮށަށް ލިބިފައިވާ ގުދުރަތީ މުއްސަނދި ކަމަށްޓަކައި އެ ގޮނޑުދޮށަކީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ވެސް ހިމެނިފައިވާ މަންޒިލެކެވެ.