އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މާލޭ ސިޓީގެ މިސްކިތްތަކުގައި ކައިރި ކައިރީގައި ނަމާދުގެ ސަފުތައް ހަދަން ފަށައިފި އެވެ.

ގައިދުރުކޮށް ނަމާދުގެ ސަފުތައް ހަދަން މީގެކުރިން އެންގި އެންގުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެއާއެކު މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރިއިރު ސަފުތައް ހެދީ ކައިރި ކައިރީގަ އެވެ.

ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމަކީ ދީނީގޮތުން ކުރެވިދާނެ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް ނިންމާފައިވެ އެވެ.

ނަމަވެސް އެކަމާ ބައެއް އިލްމުވެރިން ދެކޮޅެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ހާލަތު އޮތީ ގައިދުރުކޮށް ނަމާދުގެ ސަފުތައް ހަދަންޖެހޭ ފަދަ ހާލަތެއްގައި ނޫނެވެ. ސަބަބެއް ކަމަށް އެ އިލްމުވެރިން ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ އެހެން ކަންކަމުގައި ގައިދުރުކަން ބަހައްޓަން ނުޖެހުމެވެ.

ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމަށް އެންގި އެންގުން ބާތިލް ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެކަމަށް އެންމެ ދެކޮޅު ހެއްދެވި އެއް އިލްމުވެރިޔާ ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ވުޖޫދުގައި ނެތް ޟަރޫރަތެއް ދައްކައިގެން الله ގެ ދީނުގެ ތެރެއަށް ގެނައުމަށް ބަޔަކު މީހުން މަސައްކަތްކުރި ބޮޑު ބިދުޢައިން ދިވެހި އުއްމަތް ސަލާމަތް ކުރެއްވި ކަމަށް ޓަކައި الله ޙަމްދާއި ޝުކުރު ކުރާ ކަމަށެވެ.

ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމަށް އެންގި އެންގުން މިއަދު ބާތިލް ކުރިއިރު، އޭރު ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތްގޮތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.