ޤާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ޤައުމުގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

ސުއޫދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމުމާއި ގުޅިގެންނެވެ.

"ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީޚުން ފޮހެވިގެން ނުދާނެ" ސުއޫދު ލިޔުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު ވަނީ މާޗް މަހު އިސްތިއުފާ ދެއްވާފަ އެވެ.

އޭގެ ފަހުން ސުއޫދުގެ އިސްތިއުފާ ގަބޫލުނުކޮށް ޖޭއެސްސީން ވަނީ އޭނާގެ މައްސަލަތަކެއް ބަލަން ފަށާފަ އެވެ. ނަމަވެސް ފަހުން ވަނީ އިސްތިއުފާ ގަބޫލުކޮށް މަގާމުން ވަކިކޮށްފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.

އިއްޔެ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން އަޑުއެހުން ބާއްވަން ކުޑަތަން ވެފައިވަނިކޮށް ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑުކުރި އެވެ.

އެ ދަނޑިވަޅަކީ ޖޭއެސްސީ އަށް ރައީސް އައްޔަނު ކުރައްވާފައި ހުންނަ މެންބަރު ބަދަލު ކުރި ދަނޑިވަޅު ވެސްމެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެހުރިހާ ކަމަކީވެސް "އިއްތިފާގެއް" ކަމަށެވެ.