ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ މީހެއްގެ ހާލު ދެރަވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔައީ ފަތިހު އެވެ.
އޭނާގެ ހާލު ދެރަވާތީ އިތުރު ފަރުވާއަށް މިއަދު މެންދުރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
ފުލުހުން ބުނީ ފަތިހު 04:21 އެހައިކަންހާއިރު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށެވެ.
"ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ،" ފުލުހުން ބުންޏެވެ.