ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ އީވޯޓިން ތައާރަފުކުރުމަށް ކަމަށް ތުހުމަތުކޮށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކައަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވައިފި އެވެ.

އެސްޓޯނިއާގައާ، ރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކަފުޅަކީ އީ- ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދިވެހިރާއްޖޭގައި ވެސް ދޭން ވާނެ ވާހަކަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން، މި މަޝްރޫއުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުމާއި، ޚަރަދު ކުޑަކުރުމާއި، ޚިދުމަތްތައް އަވަސްކުރުމާއި، އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، "ބައެއް ކަންކަމަކީ ޤައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަމެވެ. އަދި މިއީ އެފަދަ ކަމެއްކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މަހުލޫފު އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މޯލްޑިވްސް 2.0 މަޝްރޫޢަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް އިންތިޚާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށެވެ. އަދި އޭނާ މިކަމާ ސީދާ ދެކޮޅު ހައްދަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.