ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ރޭގައި ލޯންޗުކުރި މޯލްޑިވްސް 2.0 އަށް އިދިކޮޅުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ރައީސް މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށާއި މި ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިބިދޭނެ ކަމަށެވެ.

ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތި މި ނިޒާމަކީ ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދިޔުމާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމުކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަކީ މިއީ ކަމަށެވެ.

މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކުގައިކަމަށްވާއިރު މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްގީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ގައުމު ވާނުވާގައި ވާހިނދު، ދިވެހީންގެ ރާއްޖެ ސްކޭމުން "ދޮގުފަތި އަމުނަމުން ދިޔުން" ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

"ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްގީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ތައްޔާރުވަނީ އިންތިހާބުތައް އޮޅުވާލައި، ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރުމަށް ކަމަށާއި އެފުރުސަތު ރައްޔިތުން ނުދޭނެކަމަށެވެ.