ޖޯޑަންގެ ރަސްގެފާނުގެ އެއްބަފާ ކޮއްކޮ ޕްރިންސް ހަމްޒާ ބިން ހުސެއިންއަށް އަސްކަރިއްޔާއިން އިންޒާރުދީފި އެވެ.

އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ނެރުނު ބަޔާނެއްގައި ވަނީ ވަލީއަހުދަށް ދިން އިންޒާރަކީ ކުރިއަށްދާ ސެކިއުރިޓީ ތަހުގީގަކާ ގުޅިގެން ކުރީގެ މިނިސްޓަރަކަށާއި ޝާހީ އާއިލާގެ އެހެން ބޭފުޅަކަށާއި އަދިވެސް ނަން ހާމަނުކުރާ އެހެން ބަޔަކު ހައްޔަރުކޮށް އަސްކަރިއްޔާއިން އިންޒާރުދީފައިވާ ކަމަށެވެ.

ވަލީއަހުދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ގޭ ބަންދުކޮށްފަ އެވެ.

އޭނާ ވަކީލު ބީބީސީއަށް ދިން އެ ވީޑިއޯގައި އޭނާއަކީ އެއްވެސް ބޭރު ގައުމަކާ ގުޅިގެން ގައުމާ ދެކޮޅަށް ރާވާ ހަގީގަތެއް ނެތް ކަންކަމުގައި ބައިވެރިވެ އުޅޭ މީހެއް ނޫން ކަމާއި ގައުމުގެ ނިޒާމް ވަނީ ކޮރަޕްޓުވެފައި ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވި އެވެ.

އަސްކަރިއްޔާގެ ވެރިޔާ ޔޫސުފް ވަނީ ވަލީއަހުދަ ހައްޔަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އަދި އަސްކަރިއްޔާއިން ޖޯޑަންގެ ސަލާމަތާއި އިސްތިގުލާލަށް ބުރޫއަރާފާނެ ފަދަ ކަންކަން ހުއްޓުމަށް ވަލީއަހުދަށް އިންޒާރުދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓްގައި ވަނީ ޖޯޑަންއިން ވަނީ ވަލީއަހުދު ހައްޔަރުކޮށް އިތުރު 20 މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.

ޖޯޑަންގެ މިހާރުގެ ރަސްގެފާނު ވިދާޅުވެފައި ވަނީ އެ ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމުގެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. އަދި އަރަބި ލީޑަރުންގެ ތެރޭގައި ވެސް އޭނާ ވަނީ މަގުބޫލްކަން ހޯއްދަވައިފަ އެވެ.

ޖޯޑަންގައި ޝަހީ އާއިލާގެ ބޭފުޅުންނާއި މަތީފަންތީގެ އޮފިޝަލުން ހައްޔަރުކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި ވަލީއަހުދު ހަމްޒާއަކީ ޖޯޑަންގެ ވެރިކަމަށް ހުރި މާބޮޑު ނުރައްކަލެއް ނޫން ކަމަށް ވިޔަސް ރަސްގެފާނު އަބްދުﷲ ވެރިކަމަށް އަރައިވަޑައިގަތުމަށް ފަހު މިއީ ޝަހީ އާއިލާގެ މެންބަރެއް ހައްޔަރުކުރެއްވި ފުރަތަމަ ފަހަރެވެ.