ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވެސް މިހާރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށްވުރެ ރަނގަޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް މިއަށްވުރެ ރަނގަޅަށް ގާނޫނާއި ސަރުކާރު ހިފެހެއްޓުނު ކަމަށެވެ.

"ގުންފައި ޖަހާފައި މިދަނީ ގަދީމީ ޒަމާނަށް. މިއަށްވުރެ ރަނގަޅު އެނގޭތޯ ރޫލް އޮފް ލޯ އަޕްހޯލްޑް ކުރެވުނު. ގަވަނަންސް ސްޓްރަކްޗާ އަޕްހޯލްޑް ކުރެވުނު މިއަށްވުރެ ރަނގަޅު އަޅުގަނޑުމެން ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ވެސް މިއަށްވުރެ ރަނގަޅު އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިގޮތުން ރައީސް ސޯލިހު ވެސް ހިފެހެއްޓެވި ހަމަތަކެއް ހުރި ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރަނީ ވައްކަން ކަމަށެވެ.

ދާދި ފަހުން ސަރުކާރުން އިފްތިތާހްކުރި މޯލްޑިވްސް 2.0 އަށް ފާޑުކިޔުއްވަމުން ރައީސް ޔާމީން ވިދާޅުވީ ޑިޖިޓަލައިޒް ކުރުމަކީ އާ ކަމެއް ނޫން ކަމަށާއި ރައީސް މުއިއްޒު އުޅުއްވަނީ މީގެ ކުރިން ބަޔަކު ކޮށްފައިވާ ކަމެއްގައި "މެޑަލް އަޅުއްވަން" ކަމަށެވެ.

ޑިޖިޓަލައިޒްކޮށްގެން ބިލުތައް އަތުގައި ގެންގުޅެން ނުޖެހުނު ނަމަވެސް ވައްކަމަށް ބަދަލުނާންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޑިޖިޓަލައިޒް ކޮށްގެން ކޮރަޕްޝަން ނައްތާލަން ކުރެވޭނީ ކޮންކަމެއްތޯ ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވީ މަސައްކަތް ކުރަން ތިބެނީ މީހުން ކަމަށާއި ޑިޖިޓަލައިޒް ވަނީ އެމީހުންގެ ސިނކުޑި ނޫން ކަމަށެވެ.

"ޑިޖިޓަލައިޒް ކުރުން، ދެޓް އިޓްސެލްފް ގެރެންޓީއެއް ނުކޮށްދެއޭ ކޮރަޕްޝަން ދާނެ ކަމަކަށް. ކޮރަޕްޝަން ދާނީ ވެރިމީހާ އާއި ހަމައިން ފެށިގެން. ކިރިޔާވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމުގައި ވަންޏާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ފެށީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.