ސްޓެލްކޯއިން މާލެ ސަރަހައްދުގައި ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ބައެއް އިންޖީނުތައް މަރާމާތު ނުކުރާތާ އެތައް ދުވަހެއް ވުމުން އެ އިންޖީނުތައް ބޭނުން ނުކުރެވޭ ހިސާބަށް ހިނގައްޖެ އެވެ.
ސަރުކާރުގެ މައި ކަރަންޓު ކުންފުނީގެ މާލޭ އިންޖީނުގެ ތެރޭގައި ހުރި ބައެއް އިންޖީނުތައް މަރާމާތު ނުކުރުމުގެ ސަބަބުން އެ ތަކެތީގެ ހާލަތު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ސްޓެލްކޯގެ މުވައްޒަފަކާ ހަވާލަދީ ބުނެފައި ވަނީ އެ ކުންފުނިން އިންޖީނުތަކުގެ ސްޕެއާ ޕާޓްސް މީގެ އަހަރުތަކެއް ކުރިން ގަންނަމުން އައީ ޔޫރަޕްގެ ސަޕްލަޔަރެއްގެ ފަރާތުން ކަމަށެވެ.
އެ ޕޯސްޓްގައި ވަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ސްޓެލްކޯގެ ޕްރޮކިއުމަންޓުން ޔޫރަޕްގެ ސަޕްޔަރުގެ ކިބައިން ރިޝްވަތު ދިނުމަށް ޑިމާންޑް ކުރަން ފެށި ކަމަށެވެ. ނަމަވެސް ރިޝްވަތު ދޭން އެ ސަޕްލަޔަރު ދެކޮޅު ހެދި ކަމަށް އެ ޕޯސްޓްގައިވެ އެވެ.
އެކަމުގެ ސަބަބުން ސްޕެއާ ޕާޓްސް ހޯދުން ވަރަށް ބޮޑަށް ލަސްވެ، މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއްވާތީ އިންޖީނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
ރިޝްވަތު ދޭން އެއްބަސްނުވާ ކުންފުނިތަކަށް ފައިސާ ދިނުން ހުއްޓާލުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ ކުންފުނީގެ ސީއެފްއޯ ލީނާއަށް އަންގާފައިވާ ކަމަށް ބައެއް މުވައްޒަފުން ތުހުމަތުކުރެ އެވެ.
ސްޓެލްކޯގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި ދާދިފަހުން ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ ބޮޑު ތިން އިންޖީނެއް ގަޑިއަށް ކުރަންޖެހޭ މަރާމާތު ނުކޮށް ހިންގަނިކޮށް އިންޖީނުތައް ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިޔަ އެވެ. އެކަމުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްވެ އެ ކުންފުންޏަށް ލިބުނެވެ.
ސްޓެލްކޯގެ އިންޖިނިއަރުން ބުނާގޮތުގައި އިންޖީނުތަކަށް ލިބިފައި ވަނީ އަނބުރާ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުކެމެވެ.
މިކަމުގެ ސަބަބުން ބޭނުންވާ ކެޕޭސިޓީއަށް ކަރަންޓް ނުއުފެއްދޭ ކަމަށް ވެސް އިންޖިނިއަރުން ބުންޏެވެ،
"އޭސީ 25 ޑިގްރީއަށް ވުރެ ދަށް ނުކުރަން އެމްޑީ ފަހުމީ ދާދިފަހުން ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ މިހެންވެ. އެއީ ލޯޑް މަތިވެގެނެއް ނޫން. އިންޖީނުތައް ހަލާކުވެގެން،" ސްޓެލްކޯގެ މުވައްޒަފަކު ކިޔައިދިނެވެ.
ސްޓެލްކޯއަށް ސްޕެއާ ޕާތްތައް ސަޕްލައިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުން ވެގެން ވަނީ 2024 ވަނަ އަހަރު ކުންފުންޏެއް އުފައްދާފަ އެވެ. އޯޝަން ވޭލް ނަމަކަށް ކިޔާ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޔާސިރާއި އަސްފަރާ ހުސައިން އާއި އަޒްހަދު ރަމީޒެވެ.
ޔޫރަޕްގެ ސަޕްލަޔަރުން އަތުން ސްޕެއާޕާޓްސް ގަނެގެން އެ ކުންފުނިން ސްޓެލްކޯއަށް ތަކެތި ވިއްކަނީ މާކެޓް އަގަށް ވުރެ ތިންގުނަ ބޮޑުކޮށް ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ކިޔައިދިނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒެވެ.
މިކަމާ ގުޅިގެން "ހުރިހާ" އިން ސުވާލުކުރުމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ މިދިޔަ އޭޕްރީލް މަހު މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ނިންވާލި ކަމަށެވެ. އަދި މި ހާދިސާ ހިނގިތާ ދެ ދުވަހެއް ތެރޭގައި އިންޖީނު މަރާމާތު ކޮށް މިހާރު ބޭނުންކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ މިކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވަން. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން މިކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގައި އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް،" އަހުމަދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން އުޅެނީ މި ޖަރީމާގައި މަތިއަޅައި ފޮރުވަން
އެ ކުންފުނީގެ ހިއްސާދާރުންނަކީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުންކަން ސާފުކޮށް އެނގެ އެވެ. މި ޖަރީމާ ފަޅާއެރި ފަހުން އެ ކުންފުނީގެ ހިއްސާ ވަނީ އަބްދުﷲ ރިޔާޒު ނަމަކަށް ކިޔާ މީހެއްގެ ނަމަށް ބަދަލުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން މިހާރު ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ނަންތައް ހައިޑްކޮށްފަ އެވެ. އެހެންކަމުން މިކަމުގައި އިކޮނޮމިކް މިނިސްޓަރީގެ ބައިވެރިވުމެއް އޮތް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވެ އެވެ.
މިވަރުގެ ބޮޑު ކޮރަޕްޝަނެއް ހިންގާއިރު، ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ސޯޝަލް މީޑިއާގައި މި ވާހަކަތައް އާންމުވެ ދިވެހި ރައްޔިތުންގެ ސަމާލުމަކަށް މިކަން އައިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.
ފަހަކަށް ކޮންމެ މަހަކު ވެސް ކަރަންޓު ބިލް އާދަޔާހިލާފަށް ބޮޑުވަމުންދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެކަމަށް ސްޓެލްކޯ އިން ދޭ ޖަވާބަކީ އެއީ ހޫނު މޫސުމާ ގުޅިގެން ދިމާވާ ކަމެއް ކަމަށެވެ.