ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ކޮވިޑް ބަލި ފެތުރިފައި އޮތަސް އެ އަތޮޅުގެ ރައްޔިތުން ހާސްވެ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ނެތްކަމަށާއި އަދި އެފަދަ ޙާލަތަކަށް ކަންކަން ނުދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޅ. އަތޮޅުގައި ކޯވީޑް-19 ވަރަށް ބޯޑަށް ފެތުރި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ފެލިވަރު މޮނިޓަރިންއަށް ލާފައިވާތީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު މިއަދު މަޖިލީހަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ އަދި ހާސްވާ ޙާލަތަކަށް ނުދާ ކަމަށެވެ.
"ބ.އަތޮޅު ކޮވިޑް ފެސިލިޓިގައި މިވަގުތު ތިބީ ނައިފަރު 2 މީހުންނާއި، ފެލިވަރު ދެ މީހުން. މުޅި ޖުމްލަ ހަތަރު މީހުން. ބ. އަތޮޅު ކޮވިޑް ފެސިލިޓިގެ ކެޕޭސިޓީއަކީ 20 މީހުންގެ ޖާގަ. އެތަނުގައި މިވަގުތު ތިބީ ހަތަރު މީހުން. ނައިފަރު ހޮސްޕިޓަލްގައެއް ނެތް، ހިންނަވަރު ހެލްތު ސެންޓަރުގައެއް ނެތް، އޮޅުވެލިފުށި ހެލްތު ސެންޓަރުގައެއް ނެތް، ކުރެންދޫ ހެލްތު ސެންޓަރުގައެއް ނެތް. އެހެންނަމަވެސް އޮޅުވެލިފުށީގަ ވެސް ކުރެންދޫގަ ވެސް ހިންނަވަރުގަ ވެސް ނައިފަރުގަ ވެސް މިއިން ކޮންމެ ރަށެއްގައި ވެސް ހޮސްޕިޓަލް އެނދު އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި ހާސްކަމުގެ ތެރެއަށް ކުޑަކޮށް ވެސް ދެވޭފަދަ މިކަމެއް ނުދޭ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑު ފާހަގަކުރަން ޖެހޭނެ ކަމެއް،" ނަޝިދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 300 އަށްވުރެ މަތީގައިވާ ކަމަށާއި، އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރި، ފެލިވަރުގެ އިތުރުން ނައިފަރާއި ހިންވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ޙާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ހާސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މި ޙާލަތުގައި ވެސް ޅ. އަތޮޅު ހޮސްޕިޓަލްގައި ކޯވިޑް19 އަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމްވެފައި ނެތުމާއި، ސާމްޕްލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރު ކުރަންޖެހުމާއި، ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ އަދަދެއްގެ ގެތަކެއް މޮނިޓަރިންއަށް ލަމުންދިއުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓިފައިވުމާއި ގިނަ އަދަދެއްގެ ބަޔަކު އައިސޮލޭޓްވެ މުޅި ރަށް އެއްކޮށް ހުއްޓުމަކަށް އަންނަންޖެހިދާނެ ފަދަ ހާލަތަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢަމަލުކުރަމުންދާ ގައިޑްލައިންއަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެންމެ އެކަށޭނަ ގައިޑްލައިންއެއް ނޫންކަމާއި އޭގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ޓީމަށް މެނޭޖް ކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.