ފްރާންސްގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް "ޑިއޯ" ގެ ޑޭޓާބޭސްއަށް އަމާޒުވި ސައިބާ ހަމަލާއެއްގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ގިނަ މައުލޫމާތުތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު "ޑިއޯ"އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެ ކުންފުނީގެ ސާވާތަކަށް ސައިބާ ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ.
އެ ހަމަލާގައި ކުންފުނީގެ ކްލަޔަންޓް ޑޭޓާބޭސް ލީކުވެ ކަސްޓަމަރުންގެ މައުލޫމާތު އާއްމުވެފައިވީ ނަމަވެސް އޭގެ ތެރޭގައި މާލީ މައުލޫމާތު ފަދަ ހައްސާސް މައުލޫމާތު ނުހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޑިއޯ" އިން އިތުރަށް ބުނީ މި ހަމަލާގެ ސަބަބުން އަސަރުކުރި ކަސްޓަމަރުންނަށް އެކަން އަންގަމުންދާ ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.
އޭގެ އިތުރުން މި ހަމަލާއާއެކު ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި ކަމާބެހޭ ފަރާތްތަކާއެކު އިތުރު ތަހުގީގުތައް ކުރަމުން އަންނަ ކަމަށް ވެސް "ޑިއޯ" ގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޑިއޯ" އަކީ މިފަހަކަށް އައިސް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް އަމާޒުވަމުންދާ ސައިބާ ހަމަލާތަކުގެ ޝިކާރައަކަށް އެންމެ ފަހުން ވެގެންދިޔަ ކުންފުންޏެވެ.