އެޓާނީ ޖެނެރަލްގެ އޮފީހަކީ މިނިވަން ތަނަހަށް ހަދާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރީ 64 މެންބަރުންގެ ވޯޓާއެކުއެވެ. މިހާރު ހަމަޖެހިފައި އޮންނަގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ސިވިލްސާވިސް މުވައްޒަފުންނެވެ. ނަމަވެސް މި ބިލް ގާނޫނަކަށްވުމުން އެ އޮފީހުގެ މުވައްޒަފުން ސިވިލްސާވިސް އިން ވަކިވާނެ އެވެ.
އެ ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޝަރަފުވެރިކަމާ އެކު، ރިޓަޔާވެވޭ އުމުރު ކުރު ކުރުން ހިމެނެ އެވެ. ކުރިން އެ ބިލްގައިވާގޮތުން ރިޓަޔާކުރެވޭ އުމުރަކީ 25 އަހަރު ދުވަހު ހިދުމަތް ކުރުމެވެ. ނަމަވެސް އެ މުއްދަތު 20 އަހަރަށް ވަނީ ކުޑަކޮށްފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާ ނަމަ ވެސް ޝަރަފްވެރިކަމާ އެކު ރިޓަޔާ ވެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
އެ ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސޮލިސިޓާ ޖެނެރަލްގެ މަގާމް އުވާލުން ހިމެނެ އެވެ. އޭގެ ބަދަލުގައި ހަމައެކަނި ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ވަނީ ހިމަނައިފަ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލްގައިވެ އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ސިއްހީ އިންޝުއަރެންސް ދިނުމަށް ވެސް އެ ބިލްގައި ލާޒިމް ކޮށްފައިވެ އެވެ.