ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވި އިބްރާހިމް ފަޒުލް ރަޝީދު އަލުން ޕީއެންސީގެ އިސްސަފުން ފެންނަން ފަށައިފި އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނަވައިގެން ފަޒުލް އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްމީކްގެ ދަށުން ވަގަށް ގޯތި ދީފައިވާ މައްސަލައެއް ފެންމަތިވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ފަޒީލްއަށް ގޯތި ދީފައިވަނީ ހައުސިން މިނިސްޓްރީގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެނެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލްގެ ގެ ބަލައި ފާސްކުއިރިއިރު، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނުނެވެ. އެ ފައިސާތައް ފުލުހުން ހިފެހެއްޓުމުން އަމިއްލަ ކުންފުންޏަކުން އެ ފައިސާއާ ހަވާލުވުމުން ފުލުހުން ވަނީ އިތުރަށް އެ މައްސަލަ ތަހުގީގުނުކޮށް އެ ކުންފުންޏަށް އެ ފައިސާތައް ދޫކޮށްފަ އެވެ.
އެ މައްސަލައިގައި ފަޒުލް އާއި އޭނާގެ ބޭބެގެ އިތުރުން އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އިސްވެރިންތަކެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ނަމަވެސް ފަހުން ވަނީ އެންމެންގެ ޕާސްޕޯޓްތައް ދޫކޮށްލައިފަ އެވެ.
އޭގެފަހުން އެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެެއްޗެއް ބުނެފައެއް ނުވެ އެވެ.
މި މައްސަލަތަކާއެކު ދުވަސްތަކަކަށް ފަޒުލް ސިޔާސީ ހަރަކާތްތަކުން ނުފެނި ހުރުމަށްފަހު، ރޭ ވެރިކަންކުރާ ޕީއެންސީން ބޭއްވި ސެނެޓް ބައްދަލުވުމުގައި ފަޒުލް ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ހުރި ފޮޓޯ އާއްމުވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
މި ސަރުކާރުން ފާހަގަކުރެވިފައި ވަނީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވާ ބައެއް ފަަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާ ސަރުކާރެއްގެ ގޮތުގަ އެވެ.