މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.

އެ ސަރަހައްދަށް ރީނދޫ އެލާޓް ނެރުނީ މިއަދުގެ 11:30 އިން 3:30 އަށެވެ.

އެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ އެވެ.

ވައިޖެހޭ ބާރު މިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަނޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖޭހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.